އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ބާރު، ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާކަމަށްބުނެ ހުށަހަޅާފައިވާ ގަރާރަކީ، އެ ބާރުތައް އަލުން އަނބުރައި ހިއުމަންރައިޓްސް ކޮމިޝަނަށް ރައްދުކޮށްދިނުމަށް ބާރުއަޅާ ގަރާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މަޖިލީހަށް ހުށަހަޅާފައިވާ މި ގަރާރުގެ ބަހުސްގެ ތެރެއިން، މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ރައީސް ނަޝީދު ވިދާޅުވީ، 2014 ވަނަ އަހަރު ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ބަލައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން، ހިއުމަންރައިޓްސް ކޮމިޝަނަށް ލިބިފައިވާ ބާރުތަކެއް ނިގުޅައިގެންފައިވާކަމަށެވެ. އަދި މި ގަރާރަކީ ނިގުޅައިގެންފައިވާ އެބާރުތައް ނިގުޅައިގަތްގަތުން ބަލައި ނުގަތުމަށް، ރާއްޖޭގެ ފާރަވެރިވާ އެހެން ވުޒާރާ ތަކަށާއި ދާއިރާ ތަކަށާއި އިދާރާތަކަށާއި މުއައްސަސާތަކަށް މިގަރާރު އަންގާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ގަރާރު ބިނާވެފައި މިވަނީ ދިވެހި ރާއްޖޭގައި އެންމެ ފަހުބަސް ބުނަނީ، ގާނޫނުއަސާސީ ބަޔާންކޮށްފައިވާ ހަމަތަކުން ކަމަށާއި އަދި އެ ގާނޫނުއަސާސީގައި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީވެސް، ދެމި އޮންނަނީވެސް ދިވެހި ރައްޔިތުންގެ ކިބައިގައި ކަމަށްބުނެފައި، އެ ހައްގުތައް ބަޔާންކޮށްދެނީ ދެވަނަ ބާބުގައި ކަމަށްވެފައި، އެބާބުގައި ބުނާ ހައްގުތައް ރައްކާތެރި ކުރުމުގެ މުއައްސަސާ އަދި ފާރަވެރިވާ ފަރާތަކީ ހިއުމަންރއިޓްސް ކޮމިޝަން ކަމަށްވެފައި އޮއްވައި ސުޕްރީމް ކޯޓުގެ އަމުރުން އެބާރުތަކުގެ ތެެރެއިން އެތައްބާރެއް ހިއުމަންރައިޓް ކޮމިޝަންގެ ކިބައިން ނިގުޅައިގެންފައި ވާތީ އެ ބާރުތައް އަލުން އަނބުރައި ހިއުމަންރައިޓްސް ކޮމިޝަނަށް ރައްދުކޮށްދިނުމަށް ބާރުއަޅާ ގަރާރެއް ހުށަހަޅައި ބަހުސްކުރަމުން މިދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ގަރާރުގައި ބުުނެފައިވަނީ، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ބާރުތައް ހަމަ އެ ގާނޫނުއަސާސީން އުފައްދާފައިވާ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވަނީ ހަމަ އެ ގާނޫނުއަަސާސީއާ ހިލާފަށް ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރު ސުމޯޓޯ މައްސަލައެއްގެ ގޮތުގައި އެޗްއާރުސީއެމްގެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ގާނޫނުއަސާސީން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަންގެ މޭންޑޭޓަކަށް ގާނޫނީގޮތުން ވާން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެ ކޮމިޝަނަށް ހުއްދަކޮށްފައިވާ މަސައްކަތްކުރުން ކަމަށެވެ.
އެހެންކަމުން އެ މަސައްކަތްތައް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ގައިޑް ލައިނެއް ކަނޑައަޅައިފައެވެ.
އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރުމުގައި މި ހުކުމްގައި ކަނޑައެޅި ބަޔާންވެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔުމަށާއި ގައިޑްލައިނާ ހިލާފުނުވުމަށް ހިއުމަންރައިޓްސް ކޮމިޝަންގެ މައްޗަށް އެ ހުކުމުން ވަނީ އަމުރުކޮށްފައެވެ.