ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި މިވަނީ ޕީޖީން އެފަދަ އަމުރަކަށް އެދިވަޑަަގަތުމާ ގުޅިގެންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި، ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން ކުރިމިނަލް ކޯޓާއި، ހައިކޯޓާއި، އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާކުރުމަށް ޕީޖީން އެދިފައިވާތީ، އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައީސް ނަޝީދުއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ އަމުރު ނެރުމުގައި ބައްލަވާފައި ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި، އެބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުއީ، އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށާއި، އެމައްސަލައިގެ ބާވަތަށް ކަމަށެވެ.
''ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާގެ ނ. އާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި، ގާނޫނުތަކުގެ ބެލެނިވެރިކަމުގެ އިހުތިޞާސްގެ މައްޗަށާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ. އާއި، 145 ވަނަ މާއްދާގެ ނ. އަށް ރިޢާޔަތްކޮށެވެ.'' ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ރައީސް ނަޝީދުއާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު އިރު، އަންނަ ނޮވެންބަރ މަހުގެ އެއް ވަނަ ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ.