އަމީތާބް ބަޗަން އަކީ ބީ-ޓައުންގައި އެންމެ ގިނައިން މީސްމީޑިއާގައި އެކްޓިވްކޮށް އުޅޭ ތަރިންގެ ތެރެއިން އެއް ތަރިއެވެ.
ފޭނުން ކުރާ ކޮމެންޓް ތަކަށް ޖަވާބު ދެމުން ކޮންމެ ދުވަހަކުހެން އޭނާ ކޮންމެވެސް ޕޯސްޓެއް މީސްމީޑިއާގައި ހިއްސާކުރެއެވެ.
މީގެ ދެދުވަސް ކުރިން އަމީތާބްގެ ފޭނެއް ވަނީ އަބީޝެކް ބަޗަން އަށް 2004 ވަނަ އަހަރު ފިލްމް ފެއާ އެވޯޑްސް އިން ބެސްޓް އެކްޓަރ އިން ސަޕޯޓިން ރޯލު ލިބުނު ވީޑިއޯއެއް ހިއްސާކޮށްފައެވެ.
އެ ވީޑިއޯ ފެށިގެން ދަނީ ބަތަލާ މަހީމާ ޗޯދްރީ އަބީޝެކްގެ ނަން އިއުލާން ކުރުމާއެކުއެވެ. އަބީޝެކް ސްޓޭޖަށް ދަނީ އޭނާގެ ބައްޕަ އަމީތާބް ބަޗަން އަތުގައި ހިފައިގެން ގޮވައިގެންނެވެ. އެވޯޑާ ހަވާލު ވުމަށްފަހު އަބީޝެކް އެ އެވޯޑާ ހަވާލު ނުވެވޭނެ ކަމަށް ބުނެ އެވެ. އޭނާގެ ބައްޕައަށް ވުރެ މޮޅަށް އެއްވެސް ރޯލެއް އެހެން މީހަކަށް ނުކުޅެވޭނެ ކަމަށް ބުނެ އެވޯޑު އަމީތާބް އަތަށް އަބީޝެކް ހަވާލު ކުރެއެވެ.
އެވޯޑާ ހަވާލު ވުމަށްފަހު އަމީތާބް މައިކް ކައިރިއަށް ދިޔުމަށްފަހު އިންޑިއާގެ ސަގާފަތުގެ މަތިން އާއިލާގެ އެއްޗެއްސަކީ ފިރިހެން ދަރިއަށް ލިބޭ އެއްޗެހި ކަމަށްބުނެ އަނެއްކާ އެވޯޑު އަބީޝެކަށް ދެއެވެ.
އަމީތާބްގެ ފޭން ހިއްސާކުރި މި ވީޑިއޯ ރީޓުވީޓު ކުރަމުން އަމީތާބް ވަނީ އެ ފޭންއަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ވީޑިއޯއިން އޭނާ ފެންކަޅިވެއްޖެ ކަމަށާއި ލިބުނު ހިތްހަމަޖެހުން ފާޅުކޮށްފައިވެއެވެ.