ޝަހީދާ އަބްދުﷲ ސައީދު
ވިލާ ގުރޫޕުގެ ކުންފުންޏެއް ކަމަށްވާ ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން 130 މިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފިއެވެ.
ޑަބްލިއުއެލްޓީއަށް 130 މިލިއަން ރުފިޔާ ދައްކާފައިވަނީ ވިލާ ކުންފުނިތަކުން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހުއެވެ.
ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ޑަބްލިއުއެލްޓީއަށް ލިބުނު ގެއްލުމުގެ ބަދަލުގައި، މިދިޔަ މާޗް 28 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ، 29 މިލިއަން ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް ދެއްކުމަށެވެ. ނަމަވެސް ކޯޓުން ބޭރުގައި މަޝްވަރާކޮށް އެއަދަދު 15 މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން މިރޭ ވިދާޅުވީ ޑަބްލިއުއެލްޓީއަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރު (231.7 މިލިއަން ރުފިޔާ) ގެ ތެރެއިން ޑަބްލިއުއެލްޓީއަށް 130 މިލިއަން ރުފިޔާ މިއަދު ދައްކާފައިވާ ކަމަށެވެ.
އަދި 130 މިލިއަން ރުފިޔާ ދެއްކީ، އެކުންފުނިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑާފައި ކަމަށް ހުސައިން ވިދާޅުވިއެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީއަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިން މައްސަލައިގައެވެ.
އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.
އެ މައްސަލަ ޑަބްލިއުއެލްޓީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމްކުރީ ފައިނޭންސް ކޮސްޓަށް ވާ 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެއް މަސް ތެރޭގައި ދައުލަތާއި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭނެ ކަމަށެވެ.
އަދި އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރު އަނބުރާ ދައްކަން ދަށު ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.