ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް އަހުމަދު ފިކުރީ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވައިިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ފިކުރީ އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.
އިސްތިއުފާއާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފިކުރީއަށް ތަކުރާރުކޮށް ގުޅުމުންނާއި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވާތީ އޭނާގެ ބަހެއް ނުވަތަ އިސްތިއުފާދެއްވި ސީދާ ސަބަބެއް ވަނީ ސާފުކުރެވޭނެ ގޮތެއް ނުވެފަ އެވެ.
"ވަން އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިކުރީ މަގާމުން އިސްތިއުފާދެއްވީ، ރައީސް ކަމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭނެ ފަދަ މާހައުލެއް ކައުންސިލް އިދާރާގައި ގާއިމުވެފައި ނެތް ކަމަށް ވިދާޅުވެ އެވެ. މީގެ އިތުރުން، ދެން ތިއްބެވި ކައުންސިލަރުންނަށް ކައުންސިލްގެ ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަކީ ފިކުރީ އިސްތިއުފާދެއްވުމުގެ އެއް ސަބަބު ކަމަށް ވެސް އެނގިފައިވެ އެވެ.
މާއެނބޫދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން ފިކުރީ އިސްތިއުފާދެއްވުމުން މި ވަގުތު ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސާ ހިލްމާ އަބްދުﷲ ޚަލީލް އެވެ. ހިލްމާގެ އިތުރުން ދެން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ އިބްރާހީމް ސިރާޖު އެވެ.