އިބްރާހިމް ޒަކީ
ސަރުކާރު ބަދަލުވެއްޖެއްޔާ، ހުރިހާ އެގްރީމެންޓެއް އެއް ފުށުން އަނެއް ފުށަށް ޖައްސަވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކައަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ، ނެގި ވޯޓުގައި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދެއްވިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނިހާދު ވިދާޅުވީ ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އެފުއް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ، ގައުމީ ސަލާމަތަށް ނުރައްކާހހުރި ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެއީ މި ސަރުކާރަށް ޔާމީން ދެއްވި އިންޒާރެއް ކަމަށާއި އެއީ ކުރެއްވި ޖެއްސުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީިން ވިދާޅުވީ، ސަރުކާރު ބަދަލުވެއްޖެއްޔާ، ހުރިހާ އެގްރީމެންޓެއް އެއް ފުށުން އަނެއް ފުށަށް ޖަހާނެ ކަމަށާއި ދިވެހި ދައުލަތުގެ ހަރު މުދާ ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ކުރިންވެސް އިހުތިޖާޖު ކުރަމުންދިޔަ އެއް މައްސަލަ ކަމަށެވެ.
އަދި އެހާ މަސައްކަތުން އުފައްދާފައި ހުރި ހަރު މުދާތައް އެހެން ބަޔަކަށް ދޫކޮށްލެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.