ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީންގެ ސަރުކާރުގައި ލުތުފީ ރާއްޖެ ނުގެނެވުނީ، ހޯމް މިނިސްޓަރު ހުއްދަ ނުދީގެން: އިމްރާން

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ދިވެހި އެމްބަސީގެ ހިމާޔަތުގައި، ލަންކާގައި މިހާރު ހުރި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ، އޭރުުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަށް، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ލުތުފީ ރާއްޖެ ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އާއި، ރައީސް ޔާމީންގެ ސަރުކާރުން، ލުތުފީ ރާއްޖެ ގެނައުމަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، 2014 ވަނަ އަހަރު އޮތް ރައީސް ޔާމީންގެ ސަރުކާރުގައި ފުލުހުން ކުރި މަސައްކަތުން، ލުތުފީ ފިލައިހުރި ހުރި ތަނަކާއި، އޭނާގެ މުއާމަލާތްތައް ފުލުހުންނަށް އެގިފައިވާ ކަމަށެވެ.

އަދި ލުތުފީ އަނބުރައި ރާއްޖެ ގެނައުމަށް ފުލުހުން ކުރި މަސައްކަތްތައް ވަރަށް ފަހުގެސްޓޭޖަކަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭރުގެ ހޯމް މިނިސްޓަރު (އުމަރު ނަސީރު)ގެ އެޕްރޫވަލްއެއް ނުލިގެން އެކަން ނުކުރެވުނީ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އޭރުގަ މިނިސްޓަރު އަނގަބަހުން ކުރައްވާފައިވާ މުއާމަލާތްތައް ހުރި އިންގޭތޯ އެ ޓީމާ އެކުގައި، އެބޭފުޅުންގެ އަތުގައި (ލުތުފީ) ގެނައުމަށް ތައްޔާރުވެ އޭނާ ހުރި ތަންތަނާ ބެހޭގޮތުން ހޯދިފައިވާ މައުލޫމާތުތައް، އޭއްޗެހީގެ ލިޔެ ކިއުންތައް އެބަހުރި، އޭއްޗެހީގަ އޭރުގަ މިނިސްޓަރު ވިދާޅުވި ކަމަށްވަނީ، އެހާބޮޑު ނުވަތަ އިސްކަމެއް ދެވޭކަމެއްނޫން، ނުވަތަ ޕްރޮއެރިޓީއެއް ދެވޭކަމެއްނޫން ކަމަށް، ކޮންމެހެން ލުތުފީ އަނބުރައި މާލެ ގެނައުމަަށް މަސައްކަތް ކުރުމަކީ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕްރޮއެރިޓީއެއް ލުތުފީ މާލެ ގެނައުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.