އަލަށް ބޮލީވުޑަށް ތައާރަފުވި ކްރިތީ ކަރްބަންޑާގެ ތިން ފިލްމެއް ކުރިއަށް އޮތް މަސްތަކުގައި ރިލީސްވެގެންދާނެއެވެ. އެއީ ޕާގަލްޕަންތީ، ހައުސްފުލް 4 އަދި ޗެހްރާއެވެ.
އެކަމާ އުފާވެގެން ކްރިތީ ވަނީ ފިލްމު ތަކުގައި އޭނާ ކުޅޭ ރޯލާ ބެހޭގޮތުން މީޑިއާއަށް އިންޓަވިއުދީފައެވެ.
ކްރިތީ ބުނިގޮތުގައި ޕާގަލްޕަންތީ ގައި އޭނާ ކުޅެނީ މަގުބޫލު ކޮމެޑީ "ފްރެންޑްސް" ގައި އުޅޭ ޕީބީގެ ކެރެކްޓަރު ބައެވެ. އެ ކެރެކްޓަރާމެދު އެންމެ ގަޔާވަނީ އޭނާ ކުރާ ކަންތައް ހަމަނުޖެހުނަސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރުގެ ސަބަބުންކަން ހެވިލާފައި ކްރިތީ ބުނެފައިވެއެވެ.
ހައުސްފުލް 4 ގައި އޭނާ ކުޅެނީ ތިން އަންހެން ބެއިންގެ ތެރެއިން އެކެއްގެ ރޯލެވެ. މި ފިލްމަށް ކްރިތީ ވަރަށް ބޮޑަށް ޓްރެއިން ވާން ޖެހުނުކަމަށް އޭނާ ބުންޏެވެ. އެއީ ފިލްމުގައި ވަރަށް ގިނަ އެކްޝަން ބައިތައް ހިމެނޭތީއެވެ. މި ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ނަމަވެސް ބެލިންތެރިން އޭނާ ސްޓަންޓްސްތައް ހަދާތަން ބަލައި އެއަށް ރިއެކްޓް ކުރާނެ ގޮތެއް ބެލުމަށް ވަރަށް އެކްސައިޓް ކަމަށް ކްރިތީ ބުނެއެވެ.
ޗެހްރޭ ވެގެން ދާނީ ކްރިތީގެ އެންމެ ވަރުގަދަ އެއް ޕާފޯމަންސަށް ކަމަށް ކްރިތީ ދެކެއެވެ. ފިލްމުގައި ޑައިލޮގަށްވުރެ ގިނައިން އެކްސްޕްރެޝަންސް ބޭނުން ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
މި ވާހަކަތައް ހިއްސާކުރަމުން ކްރިތީ ބުނީ މިއަހަރު މުޅިން ތަފާތު ތިން ރޯލަކުން އޭނާ ފެނިގެންދާނެކަމަށެވެ.
ކްރިތީ އިތުރަށް ފާހަގަ ކުރީ އޭނާ އެންމެ ކުޅެން ބޭނުން ވަނީ ފިލްމު "އެކް ހަސީނާ ތީ" ކަހަލަ ސައިކޮލޮޖިކަލް ތްރިލާއެއްކަމަށެވެ. ފިލްމުގައި އުރްމިލާގެ ކުޅުން ފެނި އޭނާ އާޝޯހުވި ކަމަށް ވެސް ބުންޏެވެ. އެކަލަ ސިނަމާއަށް އޭނާ ޝައުގު ހުންނަ ކަމަށާއި އެކަހަލަ ސްކްރިޕްޓެއް ލިބޭނެ ކަމުގެ އުންމީދު ކުރެވޭ ކަމަށް ވެސް ކްރިތީ ބުންޏެވެ.