މުންޑޫ ރައްޔިތުން ހުށަހެޅި ޕެޓިޝަނާ ގުޅޭ މައްސަލަ ކުރިއަށް ނުގެންދަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އޮފީހުން ނިންމައިފިއެވެ.
އެގޮތަށް ނިންމީ މިރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި އިންފޮމޭޝަން ކޮމިޝަނަރު ހާޒިރު ކުރި ބައްދަލުވުމުގައެވެ.
ދެ މުއައްސަސާގެ މެންބަރުން މިރޭ ކޮމެޓިއަށް ހާޒިރުކުރީ، ލ. މުންޑޫގެ ކައުންސިލްގެ ހިމެނޭ މައުލޫމާތެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އީސީގައި އެދުމުން އައިކޮމްއަށް އެ މައުލޫމާތު ދިނުމަށް އީސީން އިންކާރުކުރީ އެ މައުލޫމާތުގައި ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމަށް ފެންނާތީއެވެ. އެހެންވެ އީސީން ވަނީ ކޮމެޓީގެ ލަފައަކަށް އެދިފައެވެ.
ލ. މުންޑޫގެ ކައުންސިލްގެ ހިމެނޭ މައުލޫމާތެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އީސީގައި އެދުނީ، އިންތިހާބީ ދާއިރާތަކުގައި ހިމެނޭ ލ. ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، ލ. އިސްދޫ ދާއިރާއަށް އެ ރަށް ހިމެނުމަށް އެދި މުންޑޫގެ ބައެއް ރައްޔިތުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ސައްހަ ނޫން ސޮޔާއި މައުލޫމާތު ހިމެނޭ ކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލް ވިދާޅުވީ މުންޑޫ ކައުންސިލުން އެ ކޮމިޝަނަށް ޕެޓިޝަނާ ގުޅޭ މައްސަލަ އިތުރަށް ބަލަން ބޭނުންނުވާ ކަމަށް ބުނެ އެ ކޮމިޝަނަށް ސިޓީއެއް ލިބިފައިވާތީ އެކަން އިތުރަށް ބަލަން ބޭނުން ނުވާ ކަމަށެވެ.
އަދި ޕެޓިޝަނާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވީ މުންޑޫ ކައުންސިލުން އެ މައުލޫމާތު ބޭނުންވާތީ ކަމަށާއި ނަމަވެސް މިހާރު އެ މައުލޫމާތު ހޯދަން ބޭނުންނުވާ ކަމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ.