ރައްޔިތުންގެ މަޖިލިސް

ޖަލްސާއަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން އުނިކުރަނީ

މަގުބޫލު އުޒުރެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންގެ މުސާރައިން އުނިކުރާގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނަން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވައިދު ކޮމެޓީން ނިންމާފައިވަނީ މަސް ނިމޭއިރު މަހުގެ 50 ޕަސެންޓް ހާޒިރުވެވަޑައިނުގަންނަވާނަމަ އެމެންބަރެއްގެ މުސާރައިގެ 50 އިންސައްތަ އުނިކުރާށެވެ. މަގުބޫލު އުޒުރެއްގެ ގޮތުގައި ބަލަނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް އިސްލާހުގައިވެއެވެ.

ނަމަވެސް އިސްލާހުގައިވާ ގޮތުން މަގުބޫލު އުޒުރެއްނެތި މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް މެމްބަރަކު ސަލާމް ބުނެފި ނަމަ އެ މެމްބަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑޭނެއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 42000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ހައުސިން އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ އަދި ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާ ނަމަ އެލަވަންސްގެ ގޮތުގައި 20000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.