ޝަހީދާ އަބްދުﷲ ސައީދު
ކ. މާފުށި ސިއްހީ މަރުކަޒުގެ ހިދުމަތް ރަގަޅުކުރުމަށް ގޮވާލައި އެރަށުގައި މުޒާހަރާ ކޮށްފިއެވެ.
މާފުށީ ކައުންސިލުގެ ނައިބު ރައީސް ނަޝީދާ އާދަމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، މާފުށީގައި ސިއްހީ މަރުކަޒުން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކައުންސިލުން މީގެ ހަތަރު މަސް ކުރިން ވެސް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވަރަށް އަވަހަށް އެކަން ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަށް އަމަލީ ސިފައެއް އައިސްފައި ނުވާކަމަށް ނަޝީދާ ވިދާޅުވިއެވެ.
ނަޝީދާ ވިދާޅުވީ ރަށުގެ އާބާދީގައި ގާތްގަނޑަކަށް ދެ ހާހެއްހާ މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު 7000އާ ގާތްކުރާ ކަމަށެވެ.
އޭގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވަމުން ނުދާތީ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ސަރުކާރާއި ހިއްސާކޮށްފައިވާނެ ކަމަށް ނަޝީދާ ވިދާޅުވިއެވެ.
އަދި ބިދޭސީންނާއި ކޮންޓްރެކްޓް މަސައްކަތް ކުރާ ފަރާތްތަކާއި ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ދިރިއުޅެމުންދާއިރު ބައެއް ފަހަރު ދިމާވާ ހާދިސާތަކުގައި ކަންބޮޑުވާންޖެހޭ ފަދަ ހާދިސާތައް ވެސް ހިނގާކަމަށް ނަޝީދާ ވިދާޅުވިއެވެ.
މާފުށިން ވާހަކަދެއްކި މީހަކު ބުނީ، ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންނެއް މާފުއްޓަށް ޒިޔާރަތްކުރާއިރު ސިއްހީ ހިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ނުވާތީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.
އެހެންކަމުން މިއަދު ރަށުގެ ޒުވާނުން ނުކުމެ ސުލްހަވެރި އިހުތިޖާޖެއް ކުރި ކަމަށް އެނާ ބުންޏެވެ. މާފުށީގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލައި މިއަދު މުޒާހަރާ ކުރި އިރު އިއްޔެ ވަނީ އެރަށުގައި މޫދަށް އެރުނު ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައެވެ.
މާފުއްޓަކީ މާލެ އަތޮޅުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެވެ. އެހެންކަމުން އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، ދައުލަތަށް ޓެކްސްގެ ގޮތުގައިވެސް ގިނަ ފައިސާ ދައްކަމުންދެއެވެ.