ާއަހުމަދު ރިލްވާން

ރިލްވާނުގެ މައްސަލައިގައި އެޗްއާރުސީއެމްގެ ރިޕޯޓް މަޖިލީހަށް ފޮނުވައިފި

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ ބެލުމަށްފަހު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރިލްވާނުގެ މައްސަލައިގައި އެކޮމިޝަނުން މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަން ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު މައުލޫމާތާއި ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.

އަދި ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުން ހިންގި ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ފުލުހުންނާއި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރެވުނު ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. އެޗްއާރުސީއެމުން ބުނީ އެރިޕޯޓް މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލަ މިހާރު ގެންދަނީ މަރާލެވިފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގު ކުރަމުންނެވެ.

އަދި ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބަލަން މަޖިލީހުން ނިންމައި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރު ކުރަން ވެސް މިހާރު ވަނީ ނިންމައިފައެވެ.

ރިލްވާން ގެއްލިގެން ހޯދަން ފެށީ 8 އޮގަސްޓް 2014 ގައެވެ. އޭގެ ފަހުން މިހާތަނަށްވެސް ރިލްވާންގެ އެއްވެސް ހަބަރެއް ނުވެއެވެ.