ރައްޔިތުންގެ މަޖިލިސް

ލުތުފީ ގެނައުމުގެ މައްސަލައިގައި ހޯމް މިނިސްޓަރާ މާދަމާ ސުވާލު ކުރަނީ

އިބްރާހިމް ޒަކީ

ދިވެހި އެމްބަސީގެ ހިމާޔަތުގައި، ލަންކާގައި ހުރި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މި މައްސަލައިގައި މިނިސްޓަރު އިމްރާންއާ ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

އޭނާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގައި ފިލައިގެން އުޅެ، މިއަހަރުގެ މެއި މަހު ދިވެހި އެމްބަސީއަށް އަމިއްލައަށް ހަވާލުވި ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ސާފު ކުރުމަށެވެ.

ލުތުފީ މައްސަލައިގެ އިތުރަށް ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާންއާ ސުވާލު ކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މިކަމާބެހޭގޮތުން ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ

މިއަދު، ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެ ސުވާލުގެ ނޯޓިސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބަލަންޖެހޭ އިދާރީ ކަންކަން ބެއްލެވުމަށްފަހު އެ ނޯޓިސް ތައްޔާރު ކުރައްވައި މިނިސްޓަރަށް ފޮނުއްވާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.