މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ

ސީއެސްސީގެ ނައިބުރައީސް ވަކިކުރަން މަޝްވަރާކޮށް، މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުހައްމަދު ކޮމިޝަނުން ވަކިކޮށް، ބަލަންޖެހޭ ކަންތައްތައް އިތުރަށް ބެލުމަށް ފަހު އެ ކޮމިޝަނުން އިތުރަށް މެންބަރުން ވަކިކުރަން ޖެހޭނަމަ އެކަން ކުރުމަށް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ، ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ކަން ފާހަގަކޮށް، ސިވިލްސާވިސް ވަޒީފާއަށް ކުރިމަތިލައިގެން ވަޒީފާ ނުލިބުނު ފަރާތަކުން، ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ކުރިއަށްދިޔަ ބަހުސްގައެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން ކޮމިޓީގެ މެންބަރު، ބާރަށު ދާއިރާގެ އަހުމަދު އަބުދުﷲ ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކީ ގަވާއިދާ ހިލާފަށް އެ މަގާމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އެގޮތުން އޭނާ މަގާމަށް ވަޑައިގެންފައިވަނީ، މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ގުނުމުގައި، ނުހިމެނޭ މުއްދަތުތަކެއް ހިމަނައިގެން އޮޅުވާލުންގަނޑެއްގެ ތެރެއިން، ކަމަށް ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން އޭނާ ކޮމިޝަނުގައި ހުންނަވައިެން ގަވާއިދުތަކާ ގާނޫނުތަކާ ހިލާފަށް ނުފޫޒު ފޯރުގައި ކުރާ ކަންތައްތަކުގެ ސަބަބުން އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވިގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޝަންގެ ނާއިބު ރައީސް ވީ އެންމެ އަވަހަކަށް ވަކިކުރަން، މަޖިލީހުގެ ފުލޯއަށް ފޮނުއްވުމަށްފަހު، ކޮމިޝަންގެ މެންބަރުން ޒިންމާދާރު ކުރުމަށް ދެން ތިބި މެންބަރުން ކޮމިޓީއަށް ހާޒިކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވަކިކުރަންޖެހޭ އިތުރު މެންބަރުން ވަކިކުރުމަށް އަހުމަދު އަބުދުﷲ ހުށަހެޅުއްވިއެވެ.

އަހުމަދު އަބުދުﷲގެ އެ ހުށަހެޅުއްވުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ތާއީދު ކުރެއްވިޔަސް އޭނާ ވިދާޅުވީ، ސިވިލް ސާވިސް ހުރިހާ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވާ ކަމަށާއި އޭރުން އެ މެންބަރުންނާ ސުވާލުކޮށްގެން، މައްސަލަ ހުށަހަޅާފައިވާ ފަރާތަށް ޖަވާބު ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ ހުރިހާ މެންބަރުން އެބަސްވެ ވަޑައިގެންނެވީ، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން މާދަމާ 11:30 އަށް މިނިވަން މުއައްސަސާގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.