ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ކުރިޔަށް ދިޔަ އިރު އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިނުގަތީ ކުރީއްސުރެ އެގޮތަށް ނިންމާފައި އޮތުމުން ކަމަށް އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެންބަރުން ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އެ މެންބަރު ދާދި ދެންމެ "ވަން އޮންލައިން" އަށް ވިދާޅުވީ ގޮނޑީގެ މައްސަލ ދިމާވެފައިވާ 12 މެންބަރުން މިނިވަންވެ، އެ 12 މެންބަރުންނާ އެކީގައި ނޫނީ މަޖިލީހުގެ ތަޅުމަށް ނުވަންނަވަން ނިންމަވައިފައިވާ ކަމަށެވެ.
"މީ އިއްތިހާދުގެ ލީޑަރުންގެ މެދުގައި އެއްބަސްވެ ނިންމާފައިވާ ގޮތް. އެހެންވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މެންބަރަކު މިއަދު މަޖިލީހުގެ ޖަލްސާއަށް ނުވަނީ. އެކަމަކު އަޅުގަނޑުމެން ވެސް މި އުޅެނީ މަޖިލީހުގެ ތެރޭގައި އެކި މަސައްކަތުގައި. އެކަމަކު 12 މެންބަރުންނާ އެކު ނޫނީ ޖަލްސާ ތަކުގައި ބައިވެރިއެއް ނުވާނެ." ވަން އަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދު ހެނދުނުގެ ދަންފަޅީގަައި ވާހަކަފުޅުދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަނީ މިއަދުގެ ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިނުގަންނަވާތީ ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ.
"އިދިކޮޅު މެންބަރުން ބޭރު ތެރޭގައި ކޮރަޕްޝަނޭ ކިޔައިގެން ވާހަކަދައްކަވާ އިރު އެކަންކަން ހައްލުކުރާން ލިބިވަޑައިގަންނަވާ ފުރުސަތުގައި މަޖިލީހަށް ވަޑައިނުގަންނަވާތީ އަޅުގަނޑު ހިތާމަ ކުރަން." ނިހާން ވިދާޅުވި އެވެ.