އިބްރާހިމް ޒަކީ
އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މިތަކެތި ނައްތާލާފައިވަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށެވެ.
އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހަތަރު މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެވެ.
މިތަކެެއްޗަކީ 2018 އޮކްޓޫބަރ 21 އިން 2019 ޖޫން 20 ގެ ނިޔަލަށް އެކިދުވަސް މަތިން، ރ. އިފުރު އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
ފުލުހުން ބުނި ގޮތުގައި ބަނގުރާ ނައްތާލުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.