މިއަހަރު ބޮޑު މަގުބޫލުކަމެއް ހޯދި ރެޕާ ފިލްމް "ގަލީ ބޯއީ"އަށް ނެޓްވޯކް ފޯ ޕްރޮމޯޝަން އޮފް އޭޝިއަން ސިނެމާ އެވޯޑް ލިބިއްޖެއެވެ.
މި ފިލްމަށް އެ އެވޯޑް ލިބިފައިވަނީ ސައުތު ކޮރެއާގެ ބޫޗަން އިންޓަނޭޝެނަލް ފެންޓާސްޓިކް ފިލްމް ފެސްޓިވަލް ގައެވެ. ގަލީ ބޯއީ ގެ ލީޑް ތަރީންނަކީ ރަންވީރު ސިންގް އަދި އާލިޔާ ބަޓްއެވެ. ފިލްމަކީ ސްޓްރީޓް ރެޕިން އަށް ހާއްސަ ފިލްމެކެވެ.
ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިއަހަރު މެލްބަންގައި އޮންނަ އިންޑިއަން ފިލްމު ފެސްޓިވަލުގައިވެސް ސްކްރީން ކުރާނެއެވެ.
ގަލީ ބޯއީ އަށް އެވޯޑު ހޯދައިދިނުމުގެ އިތުރުން ޒޯޔާ ވަނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ ވެސް އިތުރަށް ފަހުރުވެރިކޮށްދީފައެވެ. އެގޮތުން އެކަޑަމީ އޮފް މޯޝަން ޕިކްޗާސް އާރޓްސް އެންޑް ސައިންސް ގެ މެންބަރަކަށް އޭނާ ވަނީ ވެފައެވެ. އެއީ އޮސްކާ އެވޯޑު ބާއްވާ ފަރާތެވެ.