އިލެކްޝަންސް ކޮމިޝަން

ބާކައުންސިލުގެ އިންތިހާބު މާލެ އާއި އައްޑޫގައި ބާއްވަން ނިންމައިފި

ބާ ކައުންސިލުގެ އިންތިހާބު، މާލެ އާއި އައްޑޫސިޓީގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ބާ ކައުންސިލްގެ އިންތިހާބު މާލޭގައި ކުރިއަށް ދާނީ އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ކަމަށެވެ.

އައްޑޫގައި އިންތިހާބު ކުރިއަށްދާނީ ހިތަދޫ ޝަރަފުއްދީނު ސްކޫލުގައި ކަމަށާއި އަދި މާލޭގައި ބަހައްޓާ ދެ ފޮށިވެސް ބަހައްޓާނީ އިންތިހާބީ މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ބާ ކައުންސިލް އިންތިހާބު މުޅި ރާއްޖޭގައި ބާއްވަން އިއުލާން ކުރި ނަމަވެސް ކަނޑައެޅި އަދަދަށް ރީ ރަޖިސްޓްރީ ކޮށްފައިވަނީ މާލޭ ސިޓީއާ އައްޑޫ ސިޓީގައި އެކަނި ކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ބާ ކައުންސިލުގެ ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލެއްވިކަން ހާމަކުރައްވާފައެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.

ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ، ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ މެންބަރުކަމަށް 19 ފަރާތަކުން ކުރިމަތިލިއެވެ.

މިއަދު ވަނީ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ގުރުނަގާފައެވެ. އެގޮތުން ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިވަޑައިގަތީ ހުސްނުއްސުއޫދަށެވެ. އަދި މައުމޫން ހަމީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަމްބަރު ދޭކެވެ.

ނާއިބުރައީސްކަމުގެ މަގާމަަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ހަލީމަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ދޭއް ލިބިވަޑައިގަތީ އަބްދުﷲ މުއިއްޒަށެވެ.

ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މިއަދުގެ ބައްދަލުވުމުގައި އަކުރަމް ވިދާޅުވީ ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓާސް ލިސްޓާގުޅޭ ގޮތުން 12 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި އޭގެ ތެރޭގައި ގިނައީ އެޑްރެސް ނުބައިކޮށް އޮވެގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.

އެގޮތުން އެޑްރެސް ދިމާނުވާތީ 8 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، ލިސްޓުގައި ނަން ނެތިގެން 3 ޝަކުވާއެއް، އަދި ނަން ނުބައިކޮށް އޮވެގެން 1 ޝަކުވާ ހުށަހަޅާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު ވޯޓާސް ލިސްޓުގެ ޖުމްލަ އަދަދު މިހާރު 1490 އަށް އިތުރުކޮށްފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.

މީގެއިތުރުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމިފައިވާތީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވިފައެވެ. ކެމްޕެއިން ކުރެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 12 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އެވެ.