ޝަހީދާ އަބްދުﷲ ސައީދު
ރައީސް ޔާމީންގެ ސަރުކާރުގައި އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުމުގެ ނަތީޖާއަކީ ނޫމަޑި އެގްރިމެންޓާއި ހިލާފަށް އަމަލުކުރުމުން ނޫމަޑިއަށް އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޫމަޑިއާއެކު އެގްރިމެންޓްކޮށް، ރައީސް ޔާމީންގެ އެންގެވުމަށް ސަރުކާރުން އެގްރިމެންޓް އުވާލި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުތިރާފުވި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާއިން ނޫމަޑިއަށް އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުނު ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައި ވަނީ، ސަރުކާރު ބަދަލުވެއްޖެނަމަ ގައުމުގެ ހަރުމުދާ، ގައުމުން ބޭރަށް ދާގޮތައް ހުރި އެގްރިމެންޓްތައް ބާތިލުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.
ސަރުކާރުން ހުޅުމާލޭގައި ސިފައިންނަށް އަޅާ 300 ފްލެޓްގެ މަސައްކަތް ހަދަން ހަވާލުކޮށްފައިވަނީ ނޫމަޑި ކިޔާ ކުންފުންޏަކާއެވެ. އެމަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައެވެ.
23 މެއި 2017 ގައި އޮޑިިޓް އޮފީހުން އާއްމު ކުރި، ޑިފެންސް މިިނިސްޓްރީގެ 2015 އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިފްކޯހިޔާގެ މަސައްކަތް ކުރި "ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އެންސްޓަލް" އަށް، ފްލެޓްގެ މަސައްކަތް ނުނިމެނީސް ޑިފެންސް މިނިސްޓްރީން ވަނީ 125 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.