ކ. މާފުށީގައި ހަތަރު އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
ކުއްޖާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މާފުށީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ މާފުށްޓަށް ދަތުރުގޮސް އުޅުނު، ޏ. ފުފައްމުލަކު އާއިލާއެއްގެ ކުއްޖެކެވެ. އެ އާއިލާ މާފުށްޓަށް ގޮސް ތިބީ އެ ރަށުގެ އިރުމަތީ ފަރާތު ބީޗު ކުރިމަތީ ހުންނަ ގެސްޓްހައުސްއެއްގަ އެވެ. އަދި އެ ކުއްޖާ ކޮޓަރީ ދޮރު ހުޅުވައިގެން ގެސްޓް ހައުސް އިން ނިކުމެގެން ގޮސް މޫދަށް ފޭބީ ކުއްޖާގެ މަންމަ އަށް ވެސް ނިދިފައި އޮތް ވަގުތު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ، މާފުށްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އާއިލާއެއްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖާ މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.