އަހްމަދު އަދީބު އަބްދުލްގަފޫރު

ސެކިއުރީޓީއާއެކު، ބޭސް ފަރުވާއަށް ކުރެއްވި ދަތުރު ފުޅަށްފަހު އަދީބު ރާއްޖެ ވަޑައިގެންފި

އިބްރާހިމް ޒަކީ

ފުލުހުންނާއި ކަރެކްޝަންސްގެ ފުރިހަމަ ސެކިއުރިޓީއާއެކު ބޭސް ފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރު ފުޅަށްފަހު އަދީބު މިއަދު މާލެ ވަޑައިގެންފިއެވެ.

އަދީބު ރާއްޖެ ވަޑައިގަތީ އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑީއާ އޮފިޝަލް އަހުމަދު ނަސީމް "ވަން އޮންލައިން" އަށް ވިދާޅުވީ މިއަދު މެންދުރުފަހު އަދީބު މާލެ ވަޑައިގަންނަވާފައިވާ ކަމަށާއި، އަދީބު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މާލެ ވަޑައިގެންނެވުމަށްފަހު، ކަރެކްޝަންގެ ބެލުމުގެ ދަށުން އަދީބު ވަޑައިގަތީ އޭނާ ދިރިއުޅުއްވާ ގެއަށެވެ.

ފިއްލަވައިފާނެތީ ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކަކާއެކު އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރާވަޑައިގަތީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އަދީބު ފުރުމަށް ކަރެކްޝަނުން ހުއްދަ ދިން އިރު ސެކިއުރިޓީގެ ގޮތުގައި ފުލުހުންނާއި ކަރެކްޝަންސް އޮފިސަރުން އަރިހުގައި ވަޑައިގެންނެވިއެވެ

ބޭސްފަރުވާ ކުރަން އަދީބަށް ދިން މުއްދަތު މިދިޔަ މަހުގެ 26 ގައި ހަމަވާން ކުރިން އޮތްނަމަވެސް އެ މުއްދަތު މިއަދުގެ ނިޔަލަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އިތުރުކޮށްފައެވެ.

އަދީބަށް ގުލަކޯމާ ޖެހިފައިވާކަން އެނގުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި މައްސަލަތަކެއްގައި ހައްޔަރުކޮށް ޖަލު ބަންދުގައި ހުންނަވަނިކޮށެވެ. އެއީ 2017 ވަނަ އަހަރުގައެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުމުގެ އިތުރުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަދީބުގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެގޮތުން ރައީސް ޔާމީިން އަވަހާރަކޮށްލަން އުޅުމުގެ ކުށާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަަލައެެއް ސާބިތުވެ އަދީބަށް 33 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. ނަމަވެސް ފަހަރަކު ހުކުމެއް ބާތިލް ކުރަމުންގޮސް އެ ހުރިހާ ހުކުމެއް މިހާރު ވަނީ ބާތިލު ކޮށްފައެވެ.

އަދީބު ފިލިޔަނުދީ ބެލެހެއްޓުމަށް އަދީބާއެކު ދަތުރުގައި ބައިވެރިވި ފުލުހުންގެ ޓީމު މާލެ އައުމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަދީބުގެ ބޭސްފަރުވާގެ ކަންތައް ހަމަޖެއްސުމަށްހު އަދީބާއެކު ފުލުހުންގެ ޓީމު މާލެ އައިސްފައިވާ ކަމަށެވެ.