އިބްރާހިމް ޒަކީ
އާއްމު މީހަކު މާރާމާރީ ހިންގީމަ ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް، ފުލުހަކު އާއްމު މީހަކަށް، މާރާމާރީ ހިންގީމަ ލިބެންޖެހޭނެކަމަށް، ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންތަކެއް، މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެ ކަމާބެހޭ ފަރާތްތަކުން އެ މައްސަަލަ ބަލަން ފެށުމާއެކު، މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެހާދިސާއާ ގުޅިގެން ހަނދާނަން އަންނަނީ، 2015 ވަނަ އަހަރުގެ މެއި ޑޭގައި އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އިސްވެ އޮވެގެން އޭރުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރާދެކޮޅަށް ކުރި މުޒާހަރާގައި ލ. ގަން އެއްގަމުގޭ ނާސިރާ އަލީ ހުސް ކޯކު ފުޅިއަކުން ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގިކަމަށްބުނެ ފަސް އަހަރަށް ޖަލަށް ހުކުމްކުރި ހަނދާން ކަމަށެވެ.
ދެހާސް ފަނަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ފަސް އަހަރަށް ޖަލަށްލުމަށްފަހު ޝަރުތުތަކަކާ އެކު ނާސިރާ ދޫކޮށްލާފައިވަނީ 2017 ވަނަ އަހަރުގައެވެ.
ރޭގެ ހާދިސާއާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ އިރު، އެ ފުލުހުން ސަސްޕެންޑް ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.