ޕޮލިސް

އަނިޔާކުރި މައްސަލައާ ގުޅުވައިގެން ފުލުހުންތަކެއްގެ ފޮޓޯ އާންމުކުރުމުން އިންޒާރު ދެމުންދާކަމަށް ބުނެފި

އާންމު މީހަކަށް އަނިޔާކުރި ފުލުހުންތަކެއް ކަމަށްބުނެ، ބައެއް ފުލުހުންގެ ފޮޓޯ މީސް މީޑިއާގައި ދައުރުކުރުވަމުންދާތީ އިންޒާރުތައް ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މާފަންނުގައި ހުރި ގެޔަކަށް ވަދެ މީހަކަށް އަނިޔާކުރި ކަމަށްބުނާ ހަތަރު މީހެއްގެ ފޮޓޯ މީސް މީޑިއާގައި ދައުރުކުރުވަމުންދާ މައްސަލައިގައި ފުލުހުން މިއަދު ބުނީ، ރޭ ހިނގާދިޔަ ކަންތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުންދަނިކޮށް، އެއަމަލު ހިންގީ މިވެނި ބަޔަކު ކަމަށްބުނެ މީސް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯ ޖަހައި އެމުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރުދައްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ތަހުގީގު ކުރިއަށް ދާއިރު ސައްހަ ނޫން މައުލޫމާތު އެފަދަ ގޮތްގޮތަަށް ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމައްސަލައިގައި އަނިޔާކުރި ކަމަށް ބުނާ ފުލުހުންނާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އަނިޔާކުރި މައްސަލައިގައި ޝާމިލުވާ ފުލުހުން ސަސްޕެންޑްކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުން އެޗްއާރުސީއެމުންވެސް އަންނަނީ އެމައްސަލަ ބަލަމުންނެވެ. އެގޮތުން ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ރޭގެ ވަގުތެއްގައި އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާއި އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލަ ބަލަމުން އަންނަނީ އަނިޔާކުރުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމަށް ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.