އިބްރާހިމް ޒަކީ
ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރާން ވަތް ފުލުހުންގެ ބަޔަކު، މީހެއްގެ ގައިގައި ތަޅައި އަނިޔާކުރަނިކޮށް އާއްމުވެފައިވާ ކަމަށް ބުނާ ފޮޓޯ ތަކާއި، އަދި އެ ހާދިސާގައި އަނިޔާކުރިކަމަށް ބުނާ ފުލުހުންގެ ފޮޓޯތައް އާއްމު ކުރަމުން ނުދިޔުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސިއެމް) އިން އިލްތިމާސް ކޮށްފިއެވެ.
ރޭ ހިންގި އަނިޔާވެރި އަމަލުގައި، އަނިޔާ ލިބުނު މީހާ ކަމަށް ބުނާ ފޮޓޯ ތަކަކާއި، އެމީހާއަށް އަނިޔާކުރިކަމަށް ބުނާ ފުލުހުންގެ ފޮޓޯތަކެއް ވަނީ މީސް މީޑިއާގައި ދައުރުވާން ފަށައިފައެވެ.
މިކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނީ، އެ ފޮޓޯތައް އާއްމުކޮށް ޝެއާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ އެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެޗްއާރުސީއެމުން ބުނީ، އަނިޔާކުރި މައްސަލަ ރޭގެ ވަގުތެއްގައި އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާއި އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަނީ އަނިޔާކުރުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމަށް ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަންގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެޔަކަށް ވަދެ، މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ހަތަރު ފުލުހަކު އެމީހާއަށް އަނިޔާކުރާ މަންޒަރު ފެނެއެވެ.