ކޮންމެ ގޮތެއް ވިޔަސް ޒިންމާތަކުން ފިލަން މަސައްކަތް ނުކުރާނެ ކަމަށް، ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގައި ހުކުމް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދު ޣަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ކުރިއަށްދާ މައްސަލަތަކުގެ ތަހުގީގާ ކުރިމަތި ލައްވާނެ ކަމަށެވެ.
ދިވެހި ގައުމަށް ނިސްބަތްވާގޮތަށް، މުހާތަބު ކުރައްވައި އަދީބު ވިދާޅުވެފައިވަނީ، އުފާވެރި ވަގުތު ތަކުގައި ތިބާއާއެކު ހޭދަކޮށްފައި، ދަތިކަމާ މުސީބާތުގެ ވަގުތުގައި ތިބާ ދޫކޮށް ފިލާ ރައްކާވާނެ ދެފުއް ދެގޮތް މީހަކަށް ނުވާނެ ކަމަށެވެ.
"އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށްނޫނެވެ. މީހުން ކިޔައިފާނެ އެއްޗަކަށް ނުބަލަމެވެ. އެއީ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލްހަ އާއި އުއްމީދުގެ އަލިކަމެއް އަހަރެންނަށް ފެނުނެވެ. ގައިދެއްގައި ބަންދުވެ އޭގެ އެންމެ ހިތްދަތި ވަގުތުގައި ވެސް އަހަރެން ތިބާއާއެކުގައި ވާނީ އިންސާފު ހޯދަން މަަސައްކަތް ކޮށްފައެވެ،" އަދީބު ވިދާޅުވެފައިވެއެވެ.
އަދީބު ވިދާޅުވީ އަބަދުވެސް ރާއްޖެ ދެކެ ލޯބިވާ ކަމަށާއި، ދިވެހި ގައުމަކީ އޭނާ އެ ގައުމަކަށް އުފަން ރީތި ގައުމު ކަމަށެވެ.
އަދީބު މިހެން ވިދާޅުވެފައި މިވަނީ، ގޭ ބަންދުގައި ހުންނަވަނިކޮށް، ބޭސް ފަރުވާއަށް ރާއްްޖޭން ބޭރަށް ދިއުމަށް ކަރެކްޝަނުން ދިން ހުއްދައިގެ ދަށުން އިންޑިއާއަށް ބޭސްފަރުވާއަށް ވަޑައިގެންފައިވާ މުއްދު މިއަދަށް ހަމަވެފައި ވަނިކޮށެވެ.
އަދީބު އިންޑިއާއަށް ކުރެއްވި ދަތުރުގައި ރާއްޖެ ނައިސް ފިލައިފާނެކަމަށް ބެލެވޭތީ، ސެކިއުރިޓީގެ ގޮތުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރުން ވެސް އަދީބުގެ އަރިހުގައި އިންޑިއާއަށް ދަތުރު ކޮށްފައިވެއެވެ.
އަދީބަށް ފުރަން ހުއްދަ ދިނުމުން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭގެ ރައްދުގައި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އަދީބަށް ފިއްލަވަން ފުރުސަތު ނުދެއްވާނެ ކަމަށާއި، ފިއްލަވައިފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށެވެ.