ޝަހީދާ އަބްދުﷲ ސައީދު
ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރާން ވަތް ފުލުހުންގެ ބަޔަކު، މީހެއްގެ ގައިގައި ތަޅައި އަނިޔާކުރި ވީޑިއޯއެއް ރޭ މީސްމީޑިއާގައި އާންމުވެފައި ވަނިކޮށް، އަނިޔާ ލިބުނު މީހާގެ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.
މި މައްސަލައާ ގުޅިގެން، އަނިޔާ ދިން ފުލުހުން ވަގުތުން ހައްޔަރުކުރުމަށް ގޮވާލައި، މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.
ގެއަކަށް ވަދެ ފުލުހުން މީހަކަށް އަނިޔާކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ. ބައެއް ފަރާތްތަކުން އަނިޔާވެރިވި ފުލުހުންނަށް އަދަބު ދިނުމަށް ގޮވައިލަމުންދާއިރު އަނެއްބައި ފަރާތްތަކުން އަންނަނީ އެ ފުލުހުން ވަޒީފާއިން ވަކިކުރުމަށް ވެސް ގޮވައިލަމުންނެވެ.
މީސް މީޑިއާގައި ފުލުހުންނަށް ފާޑުކިޔައި އަދަބުދިނުމަށް ގޮވަލައިލަމުންދާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.
އެގޮތުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އަނިޔާކުރި ފުލުހުން ސަސްޕެންޑް ކުރި ނަމަވެސް އެމީހުންގެ ކުށް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އާދައިގެ ރައްޔިތަކު ކުރި ކަމެއް ނަމަ މިހާރު ހައްޔަރުކޮށް އެމީހަކު އޮންނާނީ ދޫނިދޫގައި ކަމަށް ޝަމީމު ވިދާޅުވިއެވެ.
''އެކަމަކު އޭގެ ކުރިމިނަލް ބައި ނުބަލަންޏާ، ވަޒީފާއިން ވަކިކޮށްފައި ނިންމާލީމަ ކަޑައެންނު. މީގަ ކުށުގެ ބައި ބަލަންޖެހޭ.'' ޝަމީމް ވިދާޅުވިއެވެ.
މީގެއިތުރުން އެޗްއާރުސީއެމް ގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭގެ ގާނޫނާއި ރާއްޖެއިން ސޮއިކޮށްފައި އޮންނަ، ބައިނަލްއަގްވާމީ މުއާހަދާއާއި ވެސް ހިލާފު އަމަލެއް ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު، ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރި ފުލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް ސޯލިހުގެ ސަރުކާރުގައި އުފެއްދެވި ކޮމެޓީގެ ނައިބް ރައީސް މުހައްމަދު މުއިއްޒު އަދުނާނު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ މީހަކު ކުރިޔަސް ކުށެއް ވާނީ ކުށަކަށް ކަމަށާއި މީހަކަށް އަނިޔާ ކުރުމަކީ ވަރަށް ސީރިއަސް ކުށެއް ކަމުން އެކަން ކުރި މީހުން ހައްޔަރުކޮށް ގާނޫނީ އިމުގެ ތެރެއިން އެމީހުންނާ މެދު އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ސުނާނާވެސް ވަނީ އެމައްސަލަ ކުށްވެރިކުރައްވައިފައެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމަށް ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.
އެމައްސަލައިގައި އަނިޔާކުރި ކަމަށް ބުނާ ފުލުހުންނާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އަނިޔާކުރި މައްސަލައިގައި ޝާމިލުވާ ފުލުހުން ސަސްޕެންޑްކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
މީގެއިތުރުން އެޗްއާރުސީއެމުންވެސް އަންނަނީ އެމައްސަލަ ބަލަމުންނެވެ. އެގޮތުން ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ރޭގެ ވަގުތެއްގައި އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާއި އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލަ ބަލަމުން އަންނަނީ އަނިޔާކުރުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.