ކޮމިޝަނާ އޮފް ޕޮލިސް

އަނިޔާކުރި ފުލުހުންނާ ސީޕީ ހަމީދު ބައްދަލުކުރައްވައިފި

ރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި، މީހަކަށް އަނިޔާކުރި ފުލުހުންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ގެއަކަށް ވަދެ ކުލަ ހެދުމުގައި ތިބި ހަތަރު މީހަކު މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެމައްސަލައާއި ގުޅީގެން، އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ކޮމިޝަނަރު މިއަދު ބައްދަލުކުރެއްވުމަށްފަހު، ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމައްސަލައިގައި އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެފަދަ ލާއިންސާނީ އަމަލުތައް ޓޮލެރޭޓް ނުކުރައްވާނެ ކަމަކަމަށެވެ.

އޭގެ އިތުރުން އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލައިގެން ތަހުގީގެއް ހިންގަމުން ދާ ކަމަށާއި އެ ތަހުގީގަށް ފުލުހުންގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމަށް ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.

މިއޮޕަރޭޝަނުގައި ހަތަރު ފުލުހުން މީހަކަށް އަނިޔާކުރާއިރު ބައެއް ފަހަރު ފައިންވެސް ޖަހާ މަންޒަރު ފެނެއެވެ.