ޕޮލިސް

ޝައިމް ފޮރުވައިގެން އުޅުނު މައްސަލައިގަ ހައްޔަރުކުރީ ދިވެހި އަންހެނަކާއި ފިރިހެނެއް: ފުލުހުން

އިބްރާހިމް ޒަކީ

ކުޑަކުދިންގެ ހިޔާގައި ހުއްޓައި މިދިޔަ މަހު 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ އުމުރުން 14 އަހަރުގެ ޝައިމް އަބުދުﷲ ގެއެއްގައި ފޮރުވައިގެން އުޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ދިވެހި އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި، އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ފުލުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސް ފަތި ދުުވަހުވެސް ކޯޓު އަމުރެއްގެ ދަށުން 46 އަހަރުގެ ދިވެހި އަންހެނެެއް ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ހަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

އޭނާ ގެއެއްގެ ތެރެއިން ހޯދައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޮންބައެއް ކަމެއް އަދި ޝައިމް ފެނިފައިވަނި ކޮންގެއަކުންކަމެއް ފުލުހުން ނުބުނެއެވެ.