ބްލެކްބަކް ޕޯޗިން ކޭސް (ހިމާޔަތް ކޮށްފައިވާ ފުއްލާ މެރި މައްސަލައިގައި) ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ސަލްމާން ޚާންގެ ކަފާލާތު ނިމުމަކަށްގެނެސް ޖަލަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ޖޯދްޕޫރުގެ ކޯޓުން ދީފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން އަށް އިންޒާރު ދީފައިވަނީ އަޑުއެހުންތަކަށް ކޯޓަށް ހާޒިރު ނުވާތީއެވެ. އެހެންކަމުން ކޯޓުގެ އިންޒާރުގައި، ދެން އޮންނަ އަޑުއެހުމަކަށް ސަލްމާން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ކަފާލާތު ހުއްޓުމަކަށް ގެނެސް ޖަލު ހުކުމް ތަންފީޒުކުރަން ޖެހިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސަލްމާން އަށް ވަނީ އިންޑިއާގެ ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓްގެ ދަށުން މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު 10000 ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ.
ސަލްމާން ގެ މައްޗަށް ސާބިތު ވެފައިވަނީ 1998ގައި ފިލްމު "ހަމް ސާތް ސާތް ހެއި" ގެ ޝޫޓިން ތެރޭގައި ދެ ބްލެކްބަކްސް ޝިކާރަކުރިކަމުގެ ދައުވާއެވެ. އެ ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ.
ސަލްމާން ޖަލަށް ލީތާ ދެ ދުވަސްފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ. އަދި އޭނާ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މިމައްސަލަ ރައްދުވާ އަނެއް ހަތަރު ތަރިން ކަމުގައިވާ ސައިފް، ތާބޫ، ސޮނާލީ އަދި ނީލަމް އަށް، ހެކި ނެތުމުގެ ސަބަބުން މައްސަލަ ސާބިތު ނުވާކަމަށް އޭރު ކޯޓުން ހުކުމް ކުރި ނަމަވެސް ފަހުން ރާޖަސްތާންގެ ސަރުކާރުންވަނީ އަލުން މައްސަލަ ހުށަހަޅައި އެމީހުނަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.