ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
ގެއެއްގެ ތެރޭގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައިގައި ޝާމިލުވާ ފުލުހުން ސަސްޕެންޑްކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
އެޗްއާރުސީއެމުން ރޭގެ ވަގުތެއްގައި ކުރި ޓުވިޓެއްގައި ބުނީ، އަނިޔާކުރި މައްސަލަ ރޭގެ ވަގުތެއްގައި އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށާއި އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަނީ އަނިޔާކުރުމުގެ އަމަލެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމަށް ރޭ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަންގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެޔަކަށް ވަދެ، މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ހަތަރު ފުލުހަކު އެމީހާއަށް އަނިޔާކުރާ މަންޒަރު ފެނެއެވެ.