ޕޮލިސް

އަނިޔާކުރި ފުލުހުން ގެޔަކަށް ވަދެ ވީޑިއޯ ނެގިކަމަށްބުނެ ބިރުވެސް ދެއްކި: އަނަސް

އިބްރާހިމް ޒަކީ

ރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ނެގި ކަމުގެ ތުހުމަތުގައި، ފުލުުހުންގެ ބަޔަކު މ. ބަޑިކުޅިގެއަށްވަދެ އެގޭމީހުންނަށް ބިރުދެއްކި ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބިރުދެއްކުމަށް ފުލުހުންގެ ބަޔަކު ވަތް އިހުސާން ފިހާރަ ހުންނަ، މ. ބަޑިކުޅިގެއަކީ އޭނާ ދިރިއުޅުއްވާގެ ކަމަށެވެ. އަދި އެގެ ހުންނަނީ ފުލުހުން ހިންގި އޮޕަރޭޝަންގައި ވީޑިއޯ ހޯދި ގޭގެ ކުރިމަތީގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ އޮޕަރޭޝަންގައި އުޅުނު ފުލުހުންތަކެއް އެގެއަށް ވަދެ، އަނިޔާކުރި ވަގުތު ވީޑިއޯ ނެގީ ބަޑިކުޅިގޭގައި ތިބި ބަޔަކު ކަމަށް ތުހުމަތު ކޮށް ސުވާލު ކޮށްފައިވާ ކަމަށެވެ.

އެ ގޭގެ ދެ ފްލޯއަކަށް ފުލުހުން ވަތް ކަމަށާއި ފޯނު ފާސްކޮށް، ވީޑިއޯ ޑިލީޓް ކުރުމަށް ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އަނަސް ވަނީ ވިދާޅުވެފައިވެއެވެ.

ފުލުހުން އެގެއަށް ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުރުމުން، ފުލުހުން ހިންގާ އޮޕަރޭޝަނެއް ކަމަށް އެގެެއަށް ވަތް ފުލުހުން ބުނެފައިވާ ކަމަށް ވެސް އަނަސް ވިދޅާުވެފައިވެއެވެ.

އަނަސް ވިދާޅުވެފައިވަނީ، އެ އަމަލު ހިންގި ފުލުހުންނާ މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައިވާތީ، ކޮމިޝަނަރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ ވީޑިއޯގައި ފުލުހުންތަކެއް އަނިޔާވެރި ގޮތަކަށް އެމީހާގެ ހަށިގަނޑަށް އަނިޔާކުރާ މަންޒަރު ދައްކުވައިދެއެވެ. އެމީހާއަށް އަނިޔާކުރުމަށް ޔުނީފޯމު ނާޅާ ތިބި ހަތަރު ފުލުހަކު ބައިވެރިވެފައިވާކަން ވީޑިއޯ އިން ފެނިގެންދެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ މާފަންނުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބައްލަވާފައިވާ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ވަގުތުން އެ އޮފިސަރުން ސަސްޕެންޑްކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.