ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަން އިން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ.
ސުޕްރީމް ކޯޓުން ބުނީ ޝާހުގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
މިއަދު ހުކުމް އިއްވުން ނިމުމާއެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ވެސް ކުރިމަތިލެއްވީ ގިނަ ފިއްތުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގެން ހުންނަވައި ކަމަށެވެ.
"ގައުމަށް ހިދުމަތް ކޮށްދިނުމަށް ކޮންމެވެސް ބަޔަކު ތެދުވަން ޖެހޭތީ ކުރިމަތިލީ. އަޅުގަނޑު ދެކޭގޮތުގައި އަދިވެސް އިސްލާހީ މަސައްކަތް ނުނިމޭ،" އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ގައުމުގެ އިސްލާހީ މަސައްކަތުގައި، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ދެމި ތިބެން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން 10 މެމްބަަރެއްގެ ހުކުމް ވަނީ މިހާރު ވަނީ އިއްވާފައެވެ. އެ ހުރިހާ މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާއިރު މިހާރު ހުކުމް އިއްވުން ނުނިމެނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އެވެ.
މިއަދު ދެން އޮންނާނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ. އަދި އިއްޔެ ވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، ދަނގެތީ ދާއިރާގެ މެމްބަަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ވެސް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައެވެ.