ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަން އިން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމާ ގުޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ މުސްތަފާގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
މިއަދު ހުކުމް އިއްވުން ނިމުމާއެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ އޭނާގެ ގޮނޑިއާ މެދު ސުވާލުތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުގެ ސުވާލަކީ މިހާރު މި އޮތްގޮތަށް އޮވެ ޕާޓީ ބަދަލު ކޮށްފި ނަމަ އަޅުގަނޑުމެންގެ ގޮނޑި ގެއްލޭތޯ ނޫނީ ނޫން ތޯ،" އޭނާ ވިދާޅުވިއެވެ.
ގޮނޑި ގެއްލުނު ކަމަށް ކުރިން އިލެކްޝަންސް އިން ބުނި މެމްބަރުން ތިބީ އެހެން ޕާޓީއަކަށް ދާން ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ފަރާތްތަކުން އެހެން ޕާޓީއަކަށް ގުޅިއްޖެ ނަމަ ގޮނޑިއަށް ވާނެ ގޮތެއް ނޭނގޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މެންބަރު މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި އިރު މިއަދު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މި މަހުގެ އަށްވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. އެ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ. އަދި އިއްޔެ ވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، ދަނގެތީ ދާއިރާގެ މެމްބަަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ވެސް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައެވެ.