އަމީނިއްޔާ ސްކޫލް

ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެވަޑައިގެންނެވި "އަމީނީ ޑައިމަންޑް ޖުބިލީ ރަން"އަށް ބޮޑު ތަރުހީބެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު "އަމީނީ ޑައިމަންޑް ޖުބިލީ ރަން" ގައި ބައިވެރިވެވަޑައިގެންފިއެވެ.

2.7 ކިލޯމީޓަރުގެ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތަކަށް އަމާޒުކޮށް އަމީނިއްޔާ ސްކޫލުން އިންތިޒާމްކޮށްގެން އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އަމީނިއްޔާ ސްކޫލުގެ އިސް ދަރިވަރުން އަދި މިހާރުގެ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ހިމެނޭ ގޮތަށް 2500 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތަކީ މިއަހަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެންމެ ބޮޑު ހަރަކާތެވެ.

އެ ދުވުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފަޒްނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ބާއްވާ މިފަދަ އިޖްތިމާއީ ހަރަކާތްތަކަކީ ހަމައެކަނި ގުޅުން ބަދަހިކުރުމުގެ ނިޔަތުގައި ކޮށްލާ ކަމެއްގެ ބަދަލުގައި، މިފަދަ ހަރަކާތްތަކަކީވެސް ތިމާވެއްޓާ ވީހާވެސް ރައްޓެހި ހަރަކާތްތަކަކަށް ވާންޖެހޭ ކަމަށާއި ބޮޑެތިވަމުން އަންނަ ކުދިންނަށްވެސް އިޖްތިމާއީ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމާއި ތިމާވެއްޓާ ރައްޓެހި އާދަތަކަށް އަހުލުވެރިކުރުވުން މުހިއްމު ކަމަށެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ދުވުން ފުރިހަމަކުރި ބައިވެރިންނަށް ހާއްސަ މެޑެއްޔެއް ވަނީ ހަވާލުކޮށްފައެވެ.

އަމީނިއްޔާ ސްކޫލުގެ 75 އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މިއަދު ބޭއްވި ދުވުމުގެ އިތުރުން އަހަރީ ދުވަހާ ގުޅިގެން ހާއްސަ ފެއާއަކާއި ހާއްސަ ފުޓްބޯޅަ މެޗަކާއި ގޯގްރީން ޕްރޮގްރާމް އަދި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އާޓް އެންޑް ކްރާފްޓް އެގްޒިޗިޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގައި އެ ސްކޫލުގެ އިސް ދަރިވަރުން ވެސް ބައިވެރިވެފައިވެއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.