ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންޓަނޭޝަނަލް ސެންޓާ ފޯ ޕާލިމެންޓްރީ ސްޓަޑީސް (އައިސީޕީއެސް) އިން ބާއްވާ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުން ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށާއި ނަމަވެސް އެއީ އެ ކޮމިޝަނުން ނިންމަން ޖެހޭ ނިންމުމެއް ނޫން ކަމަށެވެ.
ޝަރީފް ވިދާޅުވީ އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަކީ ސިޔާސީ ގޮތުން ނިންމަން ޖެހޭ ނިންމުމެއް ކަމަށާއި މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމާ މެދު އެ ކޮމިޝަންގެ މަޝްވަރާތަކުގައި އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެ ހަތަރު މެމްބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އަދި ތުޅާދޫ ދާއިފާގެ މެމްބަރު ހިސާން ހުސައިންއެވެ.