ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރިޔާސީ ކޮމިޝަނަށް ތަހުގީގުކޮށް ޝަރީއަތް ހިންގުމުގެ ބާރެއް ނުލިބޭނެ، ޖުޑީޝަރީ އޮތީ ފޭރިގެންފައި: ޔާމީން

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދޭ ބާރުތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ޝަރީއަތް ހިންގުމުގެ ބާރު ލިބިފައި ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ކޯލިޝަނުން ''ފޭރުމާ ދެކޮޅަށް'' ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގެ ބާރުތައް ލިބިގެން ނުވާކަމަށާއި 115 ވަނަ މާއްދާގައި ޖުޑިޝަރީގެ އެއްވެސް ކަމަކާ ބެހުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ މިހާރު ވަނީ ސަރުކާރުން ފޭރިގެންފައި ކަމަށާއި ތަހުގީގުކޮށް ޝަރީއަތް ކުރުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ނުދެވޭނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން ކަންކަން ބެލުމަށް ކޮމިޝަންތައް ހެދޭނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެއްވެސް ހާލެއްގައި ކޮމިޝަނުން ތަހުގީގުކޮށް މީހެއްގެ މައްޗަށް ހުކުމެއް ނީއްވޭނެ ކަމަށެވެ.

"ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ލިބިދޭ ބާރުތައް ބޭނުން ކުރަން ވާނީ އުސޫލުގެ ތެރެއިން. 115 ވަނަ މާއްދާގައި ރައީސަށް ބާރުތައް ލިބިދީފައިވީ ނަމަވެސް ޖުޑިޝަރީގެ ބާރުތައް ރައީސަށް ނުދިނީ ކީއްވެތޯ. ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ބާރެއް ނޫން އެއީ ޝަރުއީ ދާއިރާއަށް ބާރު ފޯރުވުމަކީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން އަޣުލަބިއްޔަތު ދިނީ ހިތުހުރި ގޮތަކަށް ވެރިކަން ކުރަން ނޫން ކަމަށާއި މިސަރުކާރުގެ މުއައްސަސާތަކުން ޒިންމާ އަދާނުކުރާ ކަމަށެވެ. އަދި ދައުލަތަުގެ މުއައްސަސާތައް މިހާރު އޮތި ބޯކޮޅު ވަތަށް ޖެހިފައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ ހިބަރު ވަދު ދޫކޮށްލި ހިސާބުން ދައުލަަތުގެ އިދާރާތައް ބޯކޮޅު ވަތަށް ޖެހި ގޮތަށް އަދިވެސް އޮތީ ހަމަ އެގޮތުގައި ކަމަށެވެ. އަދި ބައެއް އިދާރާތަކުން ޒިންމާ އަދާކުރަން ނުކުޅެދުނު ކަމަށް ވެސް ވިދާޅުވިއެވެ.