ކޯޓުގައި ބަލަމުން އަންނަ މައްސަލައަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނުފޫޒު ފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދުގެ ތެޔޮ ކުންފުނި މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ތުހުމަތުކޮށްފިއެވެ.
މެރީޑިއަމް ސާވިސްއާއެކު ތެޔޮ ދޫކުރުމަށް މާޗް 31، 2010 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ޖޫރިމާނާއެކު ޑިސެމްބަރު 1، 2010 ގެ ނިޔަލަށް އަރާފައިވާ 19.3 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯ އިން ދައުވާކުރި ނަމަވެސް، 2016 ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެސްޓީއޯ އިން 19.3 މިލިއަން ރުފިޔާގެ ތެޔޮ ކްރެޑިޓަށް ނެގިކަން މެރީޑިއަމްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. މިހާރު ހައި ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ކުރިއަށްދެއެވެ.
މެރީޑިއަމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުންޏާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއްގެ އަޑުއެހުންތަކެއް ނިމި، ހައި ކޯޓުގައި އެ މައްސަލަ ބަލަމުން އަންނަނީ ޝަރީއަތަށް ޖަވާބުދާރީވުމުގެ ބަދަލުގައި އާންމުކޮށް އިއުލާންކޮށްގެން އެސްޓީއޯގެ ފަރާތުން ކުއްލިއަކަށް އިތުރު ލިޔުންތަކެއް މިހާރު ފެނިފައިވާ ކަމަށް ބުނުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.
"މި ކުންފުންޏާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއްގެ އަޑުއެހުންތައް ނިމި، ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެ މައްސަލަ ބަލަމުންދަނިކޮށް ޝަރީއަތަށް ޖަވާބުދާރީވުމުގެ ބަދަލުގައި އާންމުކޮށް އިއުލާންކޮށްގެން އެސްޓީއޯގެ ފަރާތުން ކުއްލިއަކަށް އިތުރު ލިޔުންތަކެއް މިހާރު ފެނިއްޖެ ކަމަށް ބުނުމަކީ، ހިނގަމުންދާ ޝަރީއަތަކަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމަށްޓަކައި ކުރަމުންދާ ކަމެއް ކަމުގައި ނޫނީ މިކުންފުނިން ނުދެކެމެވެ..،" މެރީޑިއަމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މެރީޑިއަމް އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހުރިހާ މުއާމަލާތްތެއް ހިންގުމަށް ކަމަށްވެފައި، މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައަކީ ކުރީގެ އެމްޑީޕީގެ ސަރުކާރު އޮތްއިރު ވެސް ބަލައި ހޯދާފައިވާ މައްސަލައެއް ކަމަށާއި އޭރުވެސް މި ކުންފުނިން މަސައްކަތްކޮށްފައި އޮތީ ގާނޫނުގެ ތެރެއިންކަން ހާމަވެފައިވާ ކަމަށެވެ.
އެސްޓީއޯ އިން މިއަދު އެކުރާ މަސައްކަތަކީ ހަގީގަތެއް ނެތި، ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ކަންތައްތަކެއް އުފަންކުރުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށް މެރީޑިއަމް އިން ބުންޏެވެ.