އާޓިފިޝަލް އިންޓެލިޖަންސް، އޭއައި މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އޭއައި މޯލްޑިވްސް 2019 އަކީ އުގެއިލް ފައުންޑޭޝަނުން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖަންސް ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ އިވެންޓެކެވެ. އުރީދޫ އާއި އުގެއިލް ފައުންޑޭޝަނާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން 26 އޮގަސްޓް އިން 28 އޮގަސްޓުގެ ނިޔަލަށް އއ.އުކުޅަހުގައި ކުރިއަށްދާ އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓަލިޖަންސް 2019 އަދި ސްކީމާ 2019ގެ އިތުރުން އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ.
މިކަމާ ގުޅިގެން އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އޭއައި މޯލްޑިވްސް 2019ގެ ޓައިޓަލް ސްޕޮންސާގެ މަގާމާއެކު މި އިވެންޓަކީ އޭގެ ފުރިހަމަ ފައިދާ ލިބިދޭ، ފައިދާ ހުރި ޕްލެޓްފޯމަކަށް ހެދުމަށް އުރީދޫއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މި އިވެންޓަކީ ޑިޖިޓަލް ގައުމެއް ބިނާ ކުރުމަށް އޭއައި ޓެކްނޮލޮޖީގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އުފެއްދުމަށް ލިބޭ ފުރުސަތެއްކަން ނަޖީބް ހާން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނު ހަފްލާގައި ވާހަކަދައްކަވަމުން އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވީ މި އެއްބަސްވުމުން ދޭހަވަނީ އުރީދުއަކީ ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކޮށް، އާލާކުރުމަށް އަހައްމިއްޔަތުކަން ދޭ ކުންފުންޏެއް ކަމަށެވެ. އަދި އޭއައި މޯލްޑިވްސް 2019ގައި ދުނިޔޭގެ އެކި ހިސާބުތަކުން ސަތޭކައަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާނެ ކަމަށް އުގެއިލް ވިދާޅުވިއެވެ.