ހަސަން ލަތީފް

ރައީސް ނަޝީދާ މެދު އަމަލުކުރީ ރަނގަޅަށް ކަމަށް އެންމެ އިންސިއެއްވެސް އަދި ޖިންނިއެއްވެސް ނުބުނޭ: ހަސަން ލަތީފް

މުހައްމަދު އައުޒަމް

3

ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެންމެ އިންސިއަކުވެސް އަދި ޖިންނިއަކުވެސް ބުނެފައިނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކުރި ގޮތުން ފެށިގެން ހުރިހާ ކަމެއް ގޯސް ކަމަށް މުޅި ދުނިޔެއިން ބުނަމުން އަންނަ ކަމަށާއި އެމަނިކުފާނާ މެދު އަމަލުކުރީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

"ބައްލަވާ މުޅި ދުނިޔެ އެއްކޮށް އެ ބުނަނީ ހައްޔަރުކުރިގޮތް ގޯހޭ. ދައުވާ ގޯހޭ. ޝަރީއަތްކުރިގޮތް ގޯހޭ. ހުކުމް ގޯހޭ އޭގެފަހުން ބެހެއްޓިގޮތް ގޯހޭ. ހުރިހާ ކަމެއް ގޯހޭ. ދުނިޔޭގެ ހުރިހާތާކުން. އެންމެ މީހަކުވެސް ނުބުނޭ. އެންމެ އިންސިއަކުވެސް ނުބުނޭ. އަދި ޖިންނިއެއްވެސް، ނުބުނޭ ރައީސް ނަޝީދާ ގުޅޭގޮތުން އެކަންކަން ރައީސް ޔާމީން ކުރައްވާފަހުރީ ރަނގަޅަކަށޭ އިނގޭތޯ. ގާނޫނާ ކަނޑައެޅިގެން ޚިލާފަށް އެހެރީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމް އިސްލާހުކުރާނެ ކުރާނެގޮތުގެ ފޮތެއް ލިޔަން ރައީސް ނަޝީދުގެ މައްސަލަ ރަނގަޅުވާނެ ކަމަށާއި މުޅި ދުނިޔެއަށް ރާއްޖޭގެ ޝަރުއީ ނިޒާމް އޮތްގޮތް ދައްކައިދެވުނީ އެ މައްސަލައިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އެކެއް ނޮވެމްބަރުގައި ރާއްޖެ ވަޑައިގަތުމާ ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ ގަބޫލުކުރެވެނީ އެދުވަހުގެ ކުރިން ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާފައިވާ އެމަނިކުފާނުގެ މައްސަލަ ނިމޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސް ނަޝީދު މައްސަލާގައި އެބޭފުޅުން އެހެންޏާ ތާއީދުކުރި ނުރަނގަޅު ގޮތްތަކަށް ތާއީދުކޮށްގެން އެބޭފުޅުން ތިއްބަވަފާނެ ކަމަށް. އިނގޭތޯ. އެ ފުރުސަތެއް ނެތްވެސްމެ އިނގޭތޯ. މުޅި ރާއްޖެ އެއްކޮށް މިއޮއްދަނީ ބަދަލުވަމުން. ރާއްޖޭގެ މުއައްސަސާތައް ވެސް މިދަނީ ބަދަލުވަމުން. އެހެންވީމަ އެ ބަދަލުގެ ތެރޭގައި ނުޖެހިވިއެއް ނުތިބެވޭނެ ވަކި ފަރުދުންތަކުގެ ގޮތުގައި އެއްވެސް ބަޔަކަށެއް އިނގޭތޯ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ހުށަނޭޅުއްވީ އެމަނިކުފާނަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ރައީސް ނަޝީދު ރަހީނުކޮށްފައިވާތީ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެ ހުންނަވަނީ ރައީސް ނަޝީދު ރަހީނުކޮށްގެން އިނގޭތޯ. ރަހީނުކޮށްފަ، ހޮސްޓެޖްކޮށްފަ ކޮއްޓަކަށްލާފަ ހުންނަ މީހަކު މިނިވަންވާން އެމީހާ ކޯޓަށްދިޔުން އެއީކީ ކުރާނެ ކަންކަން ކަމަށް ގަބޫލުކުރާކަށް ނުވާނެ އިނގޭތޯ. އޭނަ ބަލާނީ އެތަޅު ހުޅުވައިގެން ނައްޓައިގެން އެތަނުން ފިލޭތޯ އެމީހާ ކައިރިން އިނގޭތޯ. އެއީ ހަގީގަތުގައިވެސް އެކަން ކުރާނެގޮތަކީ. މިސާލަކަށް އެއްވެސް ކަމެއް ނުކޮށް ހުއްޓާ މީހަކު އައިސް ފިސްތޯލައެއް މޫނުމަތީގައި ޖެއްސީމަ ދެން އޭނަ ތިމަންނަ މިދަނީ ކޯޓަކަށޭ ނޫން ބުނާނީ. އޭނަ ބަލާނީ އަނެއް މީހާ އަތުން ފިސްތޯލަ ޖަހައިގަނެވޭތޯ. ނޫނީ އޭނައަށް އެކަން ނުކުރެވޭނެ ގޮތެއް ހެދޭތޯ އިނގޭތޯ. ރައީސް ނަޝީދު އެ ހުންނެވީ އެ ހާލަތުގައި،" ހަސަން ލަތީފް ވިދާޅުވިއެވެ.

ނޮވެމްބަރު އެކެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު، ރާއްޖެއިން މީހަތަނަށް މީހަކަށް ދަންނަވާނެ އެންމެ ބޮޑު މަރުހަބާ އެމަނިކުފާނަށް ދަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟