ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކަމުގެ މަޤާމުގައި ހުރި ލޮޕެޓީގު މަޤާމުން ވަކިކޮށްފިއެވެ.
ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު މެޗުން ބާސެލޯނާ އަތުން 5-1 ގެ ނަތީޖާއިން ބަލިވުމުން އޭނާ މަޤާމުން ވަކިކުރާނެކަމަށް އޮތީ ބެލެވިފައެވެ.
ލޮޕެޓީގު ރެއާލްގެ ކޯޗުކަމަށް އައްޔަންކުރީ ކުރީގެ މެނޭޖަރު ޒިދާން މަޤާމުން އިސްތިއުފާ ދިނުމުން ނިމިގެންދިޔަ ވޯލްޑް ކަޕް ތެރޭގައެވެ. އޭރު އޭނާ ހުރީ ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއެވެ. އަދި ރެއާލް މެޑްރިޑުން އޭނާ ހަވާލުވިކަން އިޢުލާން ކުރުމާއެކު ސްޕެއިންގެ ކޯޗުކަމުން ދުރުކުރިއެވެ.
ލޮޕެޓީގުގެ ކޯޗުކަމުގެ ދަށުން ރެއާލް އަށް އަދި އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. މިދިޔަ އާދީއްތަ ދުވަހުގެރޭ ބާސާ އަތުން ބަލިވި މެޗަކީ އެޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ފަސްވަނަ މެޗެވެ. ލީގުގައި ރެއާލް އޮތީ 14 ޕޮއިންޓާއެކު 9 ވަނައިގައެވެ.
ކްލަބުގެ ކޯޗުކަމަށް މީހަކު އައްޔަން ކުރެވެންދެން އިރުޝާދު ދޭނީ ބީ ޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ސަންތިއާގޯ ސޮލާރީ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.
ގިނަ ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ކޯޗުކަމަށް އައްޔަންކުރުން އެންމެ ގާތީ ކުރީގެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ.