އެސްޓީއޯ

ރިޔާޒް ރަޝީދުގެ މެރީޑިއަމުން ނަގާފައިވާ ތެލަށް ލިބެންޖެހޭ 19 މިލިޔަނުގެ މައްސަލަ ވަނީ ހައިކޯޓުގައި : އެސްޓީއޯ

ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނިން ނަގާފައިވާ ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލުގެ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް ހުކުމް ކުރަންވެފައި، ހުކުމް ނުކޮށް އޮންނަތާ ގިނަދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެ މައްސަލައާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީއަށް ދެއްވަމުން އަމްރު ވިދާޅުވީ، ފުނަދޫގައި ބަހައްޓާފައިހުރި އެ ކަމާބެހޭ ލިޔެކިޔުންތައް ހުރީ ގެއްލިފައި ކަމަށެވެ. ނަމަވެސް އެތަކެތި ހޯދިއިރު، ޑޮކިއުމެންޓްތައް ކޮމްޕިއުޓަރުތަކުގައި ހުރުމުން ޕްރިންޓް ނަގައި ލިޔުންތައް ހައިކޯޓަށް ހަވާލު ކުރީ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެ މައްސަލައާ ގުޅޭ އިލެކްޓްރޯނިކް ޑޮކިއުމެންޓްތައް އިތުރަށް ބަލައިދިނުން އެދި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މެރީޑިއަމުން އެސްޓީއޯއިން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯއިން މީގެ ކުރިންވެސް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި އެސްޓީއޯއިން މެރީޑިއަމަށް ތެޔޮ ދޫކުރި ކަން ސާބިތުނުވާތީ އެފައިސާދޭން އަމުރު ނުކުރެވޭނެ ކަމަށް ކޯޓުުން އޭރު ވަނީ ހުކުމް ކޮށްފައެވެ.