ޕޮލިސް

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރަން އުޅުނު މީހަކަށް އަނިޔާވުމުގެ ސަބަބުން ފަރުވާއަށްފަހު ގޭބަންދަށް ދޫކޮށްލައިފި

މަރިޔަމް ޝަހުދާ

ކޯޓު އަމުރެއްގެ ދަށުން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ހައްޔަރު ކުރަން އުޅުނު މީހަކަށް އަނިޔާވުމުގެ ސަބަބުން ފަރުވާއަށްފަހު އެމީހާ ގޭބަންދަށް ދޫކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތިގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކުރުމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މިމަހު 7 ގައި އޭނާ ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ. 31 އަހަރުގެ މި ފިރިހެންމީހާ އަށް އަނިޔާވެފައިވަނީ ހައްޔަރު ކުރަން އުޅުމުން ނުކިޔަމަންތެރިކަން ދައްކަން ފެށުމުން ފުލުހުން އޭނާގެ އަތުގައި ބިޑި އެޅުވުމަށް މަސައްކަތް ކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ އަތަށް ތަދުވާ ކަމަށް ބުނުމުން، ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދެއްކުމުން އޭނާގެ އަތުގައި ފްރެކްޗަރ އެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބޭސްފަރުވާ ކޮށްދިނުމަށްފަހު މިހާރު އެމީހާ ގޭބަންދަށް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުންގެ ''ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ'' އިން މިހާރު އަންނަނީ ބަލަމުންނެވެ. އަދި މި މައްސަލަ ހިނގި ގޮތް ދިރާސާ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.