އެސްޓީއޯ

ދަނޑުވެރިން އުފައްދާ ބާވަތްތައް ގަތުމަށް އެސްޓީއޯއިން ތައްޔާރުވަނީ

އިބްރާހިމް ޒަކީ

މަސްވެރިންގެ އަތުން މަސް ގަންނަގޮތަށް ދަނޑުވެރިންގެ އަތުން ދަނޑުވެރިކަމުގެ ބާވަތްތައް ގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑއިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ދަނޑުވެރިކަން ކުރުމުގެ ވިސްނުމެއް އެސްޓީއޯއިން ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެސްޓީއޯއިން ތައްޔާރުވަނީ، ރާއްޖޭގެ ދަނޑުވެރިން އުފައްދާތަކެތި ގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މަސްވެރިކަން ކުރިއަށް އެރީވެސް މަސް ގަންނާނެ ބަޔަކު ތިބުމުން ކަމަށެވެ. އެގޮތަށް ދަނޑުވެރިކަން ކުރިއަރާނީވެސް ގަންނާނެ ބަޔަކު ތިބެގެންކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިކަންވެސް ކުރިއެރީ ގަންނާނެ ބަޔަކު ތިބެގެން އެހެންކަމުން ދަނޑުވެރިކަންކުރިއަރުވަން އަޅުގަނޑުމެން މި ޕްލޭންކުރަނީ، ދަނޑުވެރިންގެ އަތުން އެެއްްޗެހި ގަންނަން،" އަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަނޑުވެރިންގެ އަތުން ދަނޑުވެރިކަމުގެ ބާވަތްތައް ގަތުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމަށް ތޮއްޑޫއަށް ދަތުރުކޮށް ގޮތްތަކެއް ރާވާފައިވާ ކަމަށެވެ.

އަދި ސަސްޓެއިނަބަލް ގޮތެއްގައި މުޅި ރާއްޖޭގައި އެކަންކުރެވޭނެ ގޮތެއްގެ މޮޑެލެއް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.