ވިޔަފާރި

ވެކޭޝަންސް އެކްސްޕޯ އަދި އެފްއެންޑްބީ ޝޯވްގެ ސަބަބުން އެކި ދާއިރާތަކަށް ފަހި މާހައުލެއް ލިބިގެންދޭ: އަލީ ވަހީދު

މުހައްމަދު އައުޒަމް

"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ ސަބަބުން އެކި ދާއިރާތަކަށް ފަހި މާހައުލެއް ލިބިގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" ބައްލަވާލެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިފަދަ ޝޯވްތަކުގެ ސަބަބުން ރާއްޖެ އަދި ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ރަނުގެ ފުރުސަތުތަކެއް ލިބިގެން ދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރައްޔިތުން މިކަހަލަ އިވެންޓުތަކާއި ޝޯވްތަކަށް އިތުރު ސަމާލުކަމެއް ދިނުން މުހިންމުކަމަށެވެ. އަދި މިއީ ދިވެހިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" މިއަދު ނިމޭނެއެވެ. މި އެކްސްޕޯ ހުޅުވިފައި ހުންނާނީ މެންދުރުފަހު 2:00އިން ހަވީރު 6:00އަށް އަދި ރޭގަނޑުވެސް 8:00އިން 11:00 އަށް ދަރުބާރުގޭގައެވެ.

"ވެކޭޝަންސް އެކްސްޕޯ" އަކީ ރާއްޖޭގެ ޓްރެެވެލް ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް ހާއްސަކޮށްގެން ބާއްވާ އެންމެ ފުރަތަމަ އެގްޒިބިޝަން އެވެ. މި އެގްޒިބިޝަން މެދުވެރިކޮށް ގިނަ އޮފާތަކެއް ލިބިގެން ދާނެއެވެ. އެގޮތުން ރިޒޯޓް އަދި ގެސްޓްހައުސްތަކުގެ އަގުހެޔޮ ޕެކޭޖްތަކުގެ އިތުރުން އެއާލައިން ޓިކެޓްވެސް ހެޔޮއަގެއްގައި ލިބިގެންދާނެއެވެ. ވެކޭޝަންސް އެކްސްޕޯގައި މިއަހަރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ޓުއަރިޒަމް ދާއިރާތަކުން ބައިވެރިވެފައިވެއެވެ.

"އެފްއެންޑްބީ ޝޯވް" އަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެފްއެންޑްބީ ސެގްމަންޓަށް ހާއްސަކޮށްގެން ގެނެސްދޭ އެގްޒިބިޝަން އެކެވެ. "އެފްއެންޑްބީ ޝޯވް" އަކީ އެފްއެންޑްބީ ދާއިރާގެ ހޯލްސޭލްސް އަދި ރީޓެއިލްސްގެ އިތުރުން ސަޕްލައިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެގްޒިބިޝަން އެކެވެ.

"ވަން އޮންލައިން" އަކީ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ އޮންލައިން މީޑިއާ ޕާރޓްނަރެވެ.