ރާއްޖެއަށް ބޭނުންނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯއިން އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ)ގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ބޭސްތަކަކީ ރާއްޖެއަށް ބޭނުންވާ ބޭސްތަކެއް ނޫން ކަމަށެވެ.
އަދި އެކަން އައިޑެންޓިފައި ކުރެވި، އިންޓާނަލް އޮޑިޓަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ، އެއީ ސިސްޓަމުން ބޭރުން އެތެރެކޮށްފައިވާ އެއްޗެހިތަކެއް ކަމަށާއި އެތަކެތި ސިސްޓަމުން ފެންނަންވެސް ނެތް ކަމަށެވެ.
އަދި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައިވާ ކަމެއް ނުވަތަ ނުހިނގާ ކަމެއް އަދި ނޭނގޭ ކަމަށްވެސް އަމުރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ބޭނުންނުވާ ބޭސްތައް އެތެރެވެފައިވަނީ ކޮން އިރަކު ކަމެއް އަދި އެއީ ކޮން ބޭސްތަކެއް ކަމެއް އަމްރު ވިދާޅެއް ނުވެއެވެ.