ގާސިމް އިބްރާހިމް

ގާސިމް މަޖިލީހުގެ ރިޔާސަތު ފުރިހަމައަށް ބަލަހައްޓަވާނެ ކަމާމެދު ޝައްކެއް ނެތް: ރައީސް ނަޝީދު

ގާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތު ފުރިހަމައަށް ބަލަހައްޓަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު މުހައްމަދު ދުރުކޮށް، އެ މަގާމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފައެވެ. މަސީހު މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށް ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވޯޓު ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި ގާސިމް މަޖިލީހުގެ ރިޔާސަތު ފުރިހަމައަށް ބަލަހައްޓަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް، މަޖިލިސް ރައީސްކަމަށް ގެނައުމަށް ވޯޓު ދެއްވުމަށް އެއްބަސްވެލައްވާފަ. އޮނަރަބަލް ގާސިމް ފުރިހަމައަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. މަރުހަބާ އޮނަރަބަލް ގާސިމް،" ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.