ގދ. ރަތަފަންދޫ

ރަތަފަންދޫގައި މަރުވި މީހާގެ މަރާ މެދު ޝައްކުކުރެވޭ ކަމެއް ނެތް: ފުލުހުން

ޝަހީދާ އަބްދުﷲ ސައީދު

ގދ. ރަތަފަންދޫގައި ރޭ ދަންވަރު މަރުވެގެން ރިޕޯޓުކުރި މީހާގެ މަރާމެދު ޝައްކުކުރެވޭ ކަމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރޭ މެންދަމު 2:44 ހާއިރު ރަތަފަންދޫގައި ޝައްކުކުރެވޭ ގޮތަކަށް އަންހެނަކު މަރުވެފައިވާ މައްސަލައެއް އެރަށު ސިއްހީ މަރުކަޒުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކުރި ތަހުގީގަށްފަހުއެވެ.

ފުލުހުން ބުނީ މަރުވި އަންހެންމީހާގެ މަރުގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށް އަންހެންމީހާގެ ހަށިގަނޑު ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާކަމަށެވެ.

އެހެންކަމުން އަންހެން މީހާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އަންހެންމީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ ތަހުގީގުކުރަން ފެށީ ޝައްކުކުރެވޭ ގޮތަކަށް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން ބުނުމުންނެވެ.