ބާ ކައުންސިލް އިންތިހާބުގެ ކަންކަން މޮނީޓާ ކުރުމަށް އެދޭ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ބާ ކައުންސިލުގެ އިންތިހާބުގެ ވޯޓް ނެގުމާއި ވޯޓް ގުނުމުގެ ކަންކަން މޮނީޓާކޮށް އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބާ ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 13 ގައެވެ.
އީސީން މިއަދު ވަނީ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކްޓިވް ކޮމެޓީގެ އިންތިހާބުގެ އުސޫލުގެ 17 ވަނަ މާއްދާއާއި 22 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެކޮމިޝަނުން ނިންމައި އެ އިސްލާހު ގެޒެޓްކުރަން ފޮނުވާފައެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބާއި އަދި އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އީސީން ކުރި އިއުލާނުގައިވާ ގޮތުން ބާ ކައުންސިލްގެ ރައީސް ކަމަށް ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލާނަމަ، ކުރިމަތިލެއްވި ބޭފުޅަކު އިންތިހާބުވި ކަން ވޯޓަކާ ނުލައި އިއުލާނު ކުރެވޭނެ ކަމަށެވެ.
ނަމަވެސް އެކަމަށް ދެކޮޅު ހައްދަވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ބާ ކައުންސިލްގެ މަގާމަކަށް އެކަކު ކުރިމަތިލިޔަސް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށެވެ. އަދި އެއީ ވެސް ސިއްރު ވޯޓަކަށް ވާން ޖެހޭނެ ކަމަށެވެ.
ބާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު އީސީން ވަނީ ހުޅުވައިލައިފައެވެ.