މި ސަރުކާރުގެ ތެރޭގައިވެސް ވައްކަން ހިނގަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، މިހާތަނަށް ދައުލަތުގެ ބަޖެޓުގެ 25 ޕަސެންޓް ހަރަދު ވެގެންދަނީ ކޮރަޕްޝަނާއި ވައްކަމަށް ކަމަށެވެ.
ޣަފޫރު ވިދާޅުވީ، މި ސާރުކާރުގެ ތެރޭގައިވެސް ވައްކަން އެބަހިނގާ ކަމަށާއި، އެކަން ފޮރުވަން ނުޖެހޭ ކަމަށެވެ. އަދި ސަރުކާރު ދިފާއު ކުރުމަކީ، ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި ހުންނަ މީހަކު ކުރާ ވައްކަން ފޮރުވުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، މިސަރުކާރުގެ ތެެރެއިން ވައްކަމުގެ އަމަލެއް ފެނިއްޖެ ނަމަ އެކަން ބެލޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކުުގައި ވައްކަންކުރާ ބަޔަކު ތިބިނަމަ އެ ބަޔަކު ދިފާއު ކުމަށް ރައްޔިތުންގެ މަޖިލީހާއި މި ސަރުކާރުން މަސައްކަތް ނުކުރާނެކަން އެފަދަމީހުން ދަންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން ފިލުވައިލެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރެވިގެން ކަމަށާއި ރައްޔިތުންގެ އެއްބާރުލުންވެސް އެކަމަށް ބޭނުންވާ ކަމަށެވެ.