ސުޕްރީމް ކޯޓް

ޕީޕީއެމްގެ މައްސަލަތަކުގެ ފައިލްތައް ނެގީ ޝަކުވާތަކަކާ ގުޅިގެން: ސުޕްރީމް ކޯޓު

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓުން ނެގީ ޝަކުވާތަކަކާ ގުޅިގެން ކަމަށް އެ ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ނަގާފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް އެ ޕާޓީގެ ބާރުތައް ހަވާލުކޮށްދިނުމަށް އެދި ގދ. ތިނަދޫ، ބީޗް ރެސްޓް، އަހްމަދު ރަޝީދާއި ލ. ގަން، ތުނޑި، ހަވި، އަލީ އަހްމަދު ހުށަހަޅާފައިވާ މައްސަލައިގެ ފައިލްތަކެވެ.

ސުޕްރީމް ކޯޓުން ބުނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ޝަކުވާގެ މައްސަލަތައް ބަލަމުންދާތީ އެ ދެ މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހާ ލިޔުންތަކާއެކު އެ ދެ މައްސަލައިގެ ފައިލް އެ ކޯޓަށް ގެނެސްފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު އެ މައްސަލަތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްއަކީ ރައީސް މައުމޫން ކަމަށާއި އެ ޕާޓީގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލައިގެ ފައިލްތައް ނަގާފައިވާ އިރު، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.